ރާއްޖޭގެ މިސްކިތްތައް ގިނަވަމުންދާއިރު، ދާއިމީ އިމާމުން ނެތް މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އިމާމުކަމާ ގުޅޭ އާންމު އިމްތިހާނެއް ތާރަފުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ގިނަ ރަށްރަށުގައި ދާއިމީ އިމާމުން ނެތި، ވަގުތީ އިމާމުން ބައިތިއްބަން ޖެހިފައިވަނީ މިސްކިތްތަކުގެ އަދަދު އިތުރުވުމާއި، ބައެއް ރަށްރަށުގައި އެކަމަށް ބޭނުންވާ ފެންވަރުގެ މީހުން މަދުވުމުގެ ސަބަބުންނެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އޯލެވެލް ނިންމާ ކުދިންގެ ތެރެއިން މި ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އިމާމުކަމުގެ ނުވަތަ އެއާ ގުޅުންހުރި ސެޓްފިކެޓެއް ނެތް ނަމަވެސް، މިނިސްޓްރީން ކަނޑައަޅާ ހާއްސަ މުގައްރަރެއްގެ ދަށުން ކޮންމެ އަހަރަކު އާންމު އިމްތިހާނެއް ބާއްވައި، އޭގެއިން ފާސްވާ ފަރާތްތަކަށް އިމާމުކަން ކުރުމުގެ ހުއްދަ ދިނުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރުމަށްފަހު، މި އާ އުސޫލުގެ ދަށުން ކުރިއަށްދާނެ ގޮތް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.




