ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ރަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ތަކާ ގުޅިގެން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިޔަށް ގެންދާ ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްލޭން ހުށައަޅާފައިވާ ޑަބްލިއު.ޑީ.ސީ ތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަ އަށް ޙިއްސާ ކުރެއްވި ރަށްތަކަށް ފަތްކެޔޮ މުޑުވައް އަދި ގަސްކާނާ ފޯރު ކޮށްދިނުމުގެ ފުރަތަމަ ބުރުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
މިގޮތުން އެ ވުޒާރާއިން ބުނީ ފުރަތަމަ ބުރުގައި 11 ރަށަކަށް ޖުމްލަ 1865 ފަތްކެޔޮގަސް ވަނީ ފޯރު ކޮށްދެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ހއ.އިހަވަންދޫ އާއި، ހއ.މާރަންދޫ އާއި، ހއ.ތަކަންދޫ އާއި، ހއ. އުލިގަން އާއި، ހދ.ކުމުންދޫ އާއި، ހދ.ވައިކަރަދޫ އާއި، ށ.ބިލެއްފަހި އާއި، ށ.ގޮއިދޫ އާއި، ށ.މަރޮށިގެ އިތުރުން ނ.މާޅެންދޫ އަދި ނ.މާފަރު ހިމެނޭ ކަމަށެވެ.
ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، ރާއްޖޭގެ އުފައްދާތަކެތީގެ މިންވަރު އިތުރުކުރުމަށް، އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ފަތްކެޔޮ އާލާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.




