Wednesday, October 21
ބެލްޖިއަމްގެ ސަފީރު، ޚާރިޖީ ވަޒީރާއި ވަދާއީ ޒިޔާރަތް ކުރައްވައިފި

ބެލްޖިއަމް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު، ހިޒް އެކްސަލަންސީ ޑިޑިއަރ ވެންޑަރހެސްލްޓް، ރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި، ވަޒީރު އިރުތިޝާމް ވަނީ ސަފީރު ވެންޑަރހެސްލްޓްގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ދިވެހި ސަރުކާރުގެ ނަމުގައި އެމަނިކުފާނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، ބެލްޖިއަމްއާ އެކު އޮތް އެކުވެރިކަމުގެ ގުޅުމަށް ދިވެހި ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ފާހަގަކުރައްވަމުން، ވަޒީރު ވަނީ ސަފީރަށް ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ބެލްޖިއަމްއިން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރަކަށް ވެސް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި، މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އާއި، ޖޮއިންޓް ސެކްރެޓަރީ ހަސަން ހުސައިން ޝިހާބްގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށްވާ އަހުމަދު ހާނީ ނައީމް އަދި އާއިޝާ މަޔާސީން މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު