Thursday, October 22
އަމާޒަކީ މަސް ކިލޯއެއް 20 ރުފިޔާގައި ހިފެހެއްޓުން: ރައިސް

ސަރުކާރުން މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގައި ހިފެހެއްޓުމަކީ މިހާރުގެ އަމާޒެއް ކަމަށާއި، އިޤްތިޞާދީ ހާލަތު ރަނގަޅުވެ ފުރުޞަތު ލިބުމުން އެއަށްވުރެ އަގު މަތިކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ."ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އިޤްތިޞާދު ފުޅާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ މީގެކުރިން އިހުމާލުވެފައި އޮތް މަސްވެރިކަމުގެ ސިނާއަތަށް ކަމަށެވެ.

މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ދުނިޔޭގެ މާކެޓް ރޭޓާއި މަސް ބޭނޭ މިންވަރަށް ބަލައި އަގު ފްލޯޓްކޮށްލުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފްކޯގެ ހިންގުން ހަރުދަނާކޮށްގެން، ފްލޯޓްކުރި އިރު 16 ރުފިޔާގައި ހުރި މަސް ކިލޯއެއްގެ އަގު މިހާރު 20 ރުފިޔާއަށް މަތި ކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫއުތައް ބޭރުގެ އެހީއާއެކު ފަށާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. ބައެއް ކަންކަމުގައި ކުދިކުދި ލަސްތަކެއް އުޅުނު ނަމަވެސް، އަމާޒަކީ މި ދައުރުގެ ތެރޭގައި ކޯލްޑް ސްޓޯރޭޖްގެ ޖާގަ މަދުވެގެން ދެގުނަ ނުވަތަ ތިންގުނައަށް އިތުރުކުރުން ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން މަސް ރައްކާކޮށް ބޭރުކުރުމުގެ ޤާބިލުކަން އިތުރުވެ، މަހުގެ ކޮލިޓީ ހިފެހެއްޓި، މަސްވެރިންނަށް އެންމެ ހެޔޮ އަގު ލިބިގެންދާނެއެވެ.

އައިސް ޕްލާންޓްތަކަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން، މަސް ދޯނިފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމްތައް ހަރުކުރުމަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ލޯނު ދޫކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، މަސްވެރިކަމުގެ ދާއިރާގެ ތެރެއިން ސަރުކާރުން އަލަށް އިސްކަންދޭ ކަމެއްގެ ގޮތުގައި، ސީވީޑް އަށް އިންވެސްޓްކޮށް އެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ވެސް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު