ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަޠަނީ ޚިދުމަތުގެ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމް" ގެ ތިންވަނަ ބެޗު، ޅ.މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފިއެވެ. ޤައުމިއްޔަތަށް ލޯބިކުރާ، ޖިސްމާނީ އަދި ރޫޙާނީ ގޮތުން ދުޅަހެޔޮ، އަދި ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް އަމާޒުކޮށްގެން ފެށި މި ޕްރޮގްރާމަކީ ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އިޢުލާންކުރެއްވި އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ސިޔާސަތުގެ މުހިންމު ބައެކެވެ.
މިއަދުން ފެށިގެން 15 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 352 ކެޑޭޓުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ކެޑޭޓުންނާއި 64 އަންހެން ކެޑޭޓުންނެވެ. ކޯސް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ޙުޝާމް މޫސާއެވެ. އަދި ކެޑޭޓުންގެ އިޤްރާރު ލައިދެއްވީ އެ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.
މި ތަމްރީނުތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމު، ލީޑަޝިޕް، އަދި ބަހުގެ ހުނަރުތައް އުނގަންނައިދެވޭނެއެވެ. މީގެ އިތުރުން ހަށިހެޔޮކަމުގެ ކަސްރަތުތަކާއި، ހެވިކަމުގެ ތަމްރީނުތަކާއި، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް، ކޭމްޕް ހަރަކާތްތަކުގެ އިތުރުން އަސްކަރީ ތަމްރީނުތައް ވެސް ތަޢާރަފުކޮށްދެވޭނެއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާ ދަރިވަރުންނަށް ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓުގެ އިތުރުން، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް، އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓިފިކެޓްތައް ލިބޭނެއެވެ. މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ސީނިއަރ ގިނަ އޮފިސަރުންނާއި، ކޯހުގެ މުދައްރިބުންގެ އިތުރުން ހުރިހާ ކެޑޭޓުން ބައިވެރިވެފައިވެއެވެ.




