ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓަށް މި މަސް ނިމުމުގެ ކުރިން ހެޔޮ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ލުއިތަކެއް ދޭން ނިންމާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ. ބޭންކުން ބުނި ގޮތުގައި ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ލުޔެއް ދިނުމަށް ދަނީ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މި ބަދަލާއެކު، ބޭސްފަރުވާއާއި ތައުލީމީ ކަންކަމަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ބޭންކުން އިތުރު އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ބޭންކުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ބޭންކަށް ލިބޭ ޑޮލަރަށްވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން މުއާމަލާތްތައް ކުރުމުގައި ހިފެހެއްޓުންތަކެއް ގެންގުޅެމުންދާ ދަނޑިވަޅެއްގައެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭއިރު، އެއަރލައިން ޓިކެޓް، ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާއަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެއެވެ. ބޭންކުން ބުނީ މި ލިމިޓްތަކަށް މިއަދަދަށް ބޮޑުކުރި ފަހުން ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ބޭރު ފައިސާ ވިއްކާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު 345 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މީގެ ތެރެއިން 198 މިލިއަން ޑޮލަރަކީ ކާޑު މުއާމަލާތްތަކަށް ދޫކުރި ފައިސާއެވެ. އަދި ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ކާޑުތަކުން ބޭރު ފައިސާ ބޭރަށްދާ މިންވަރު ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އެވްރެޖް މަހެއްގެ މައްޗަށް ބޭރުވި ޑޮލަރުގެ މިންވަރު 2021 ވަނަ އަހަރު 15.3 މިލިއަންގައި ހުރިއިރު، 2022 ވަނަ އަހަރު އެ އަދަދު ވަނީ 20.3 މިލިއަނަށް އަރާފައެވެ. އަދި 2023 ވަނަ އަހަރު 25.4 މިލިއަން ޑޮލަރު ބޭރުވެފައިވާއިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 32.4 މިލިއަން ޑޮލަރަށް އުފުލިފައެވެ.
މި އަދަދު ކުރިއަށް އޮތް އަހަރުތަކުގައި އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު އެވްރެޖްކޮށް މަހަކު 279,980 ކަސްޓަމަރުން ބޭރުގެ މުއާމަލާތްތަކަށް ކާޑު ބޭނުންކުރިއިރު، މި އަހަރު އެ އަދަދު ވަނީ 303,000 އަށްވުރެ މައްޗަށް އަރާފައެވެ. ބޭންކުގެ އޮފިޝަލް ވިދާޅުވީ، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރުވެސް އެންމެ ބޮޑު ލިމިޓެއް ދެމުންދަނީ ގައުމީ ބޭންކް، ބީއެމްއެލް އިންނެވެ.




