Thursday, October 22
ސާޖަންޓް ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، އޭނާގެ އާއިލާއަށާއި އެންމެހައި ސިފައިންނަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ޙުސައިން ޢަބްދުއްރަޙުމާން ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި އޭނާއަކީ ސިފައިންގެ ޚިދުމަތުގައި 21 އަހަރަށްވުރެ ދިގު މުއްދަތެއްގައި ނަމޫނާ އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، މަރުޙޫމްގެ އާއިލާއަށް ދިމާވި ހިތްދަތިކަމުގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވަމުން، އެމަނިކުފާނު ވަނީ އާއިލާއަށާއި މުޅި ދިފާޢީ ބާރުގެ ސިފައިންނަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވާލައްވާފައިވަނީ، މާތްﷲ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު