އެމްޓީސީސީގެ މާލޭ ޓެކްސީ ލައިން ގެ ޚިދުމަތް ރަސްމީކޮށް ވިލިމާލޭގައި މިއަދު ވަނީ ފަށާފައެވެ. ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ކަމާގުޅޭ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ޚިދުމަތުގެ ދަށުން ފުރަތަމަ މަރުހަލާގައި ހަތަރު ކާރު ބޭނުންކުރަން ފަށާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޗަންގަން ލުމިން މޮޑެލްގެ ދެ ކާރާއި އެސްޒީއޯ ހަތް މޮޑެލްގެ ދެ ކާރެވެ. ސަރުކާރުގެ ތިމާވެށި ހިމާޔަތްކުރުމުގެ ސިޔާސަތާ އެއްގޮތަށް މި ފްލީޓުގައި ހިމެނޭ ހުރިހާ ވެހިކަލްތަކަކީ ވެސް ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް (އީވީ) ކާރުތަކެކެވެ. 24 ގަޑިއިރު ލިބެން ހުންނާނެ މި ޓެކްސީތަކުގެ ދަތުރުތަކަށް ނަގާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތަކެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި ޚިދުމަތުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް އިތުބާރު ހުރި، ރައްކާތެރި އަދި ފެންވަރު ރަނގަޅު ޓެކްސީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. އެގޮތުން މި ލައިންގައި މަސައްކަތްކުރާ ހުރިހާ ޑްރައިވަރުންނަކީ ވެސް ޚާއްސަ އިންޓަވިއުއަކުން ހޮވުމަށްފަހު، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް ބޭނުންވާ ތަމްރީނުތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ.
މި ޓެކްސީ ލައިންގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަންގެ އިތުރުން، ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ވެސް ދަތުރުތައް ބުކް ކުރެވޭނެ އެވެ.




