މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ބައިނަލްއަގުވާމީ އެއްބާރުލުން ވަރުގަދަކުރުމަށާއި މޫސުމީ ފަންޑުތައް އިތުރުކުރުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގެ ހައި-ލެވެލް ސެގްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ އަސަރު ދިވެހިންގެ ދިރިއުޅުމަށާއި، ރަށްތަކުގެ މުސްތަގުބަލަށާއި، ޤައުމުގެ ތަރައްގީއަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތަކަކީ މޫސުމީ ބަދަލުތަކަށް ، ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ރާއްޖެއިން ކުރަމުންދާ އިންވެސްޓްމަންޓްތަކަށް އަލިއަޅުއްވާލެއްވިއެވެ. މީގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ވަރުގަދަ އިންފްރާސްޓްރަކްޗާ ބިނާކުރުމާއި، އެކި ދާއިރާތަކުން މޫސުމަށް ހޭނުމަށް ކުރާ މަސައްކަތްތައް ހިމެނެއެވެ. އެގޮތުން، ހުޅުމާލެއަކީ މޫސުމީ ބަދަލުތަކަށް ވިސްނައިގެން ސިޓީއެއް ތަރައްގީކުރުމުގެ މުހިންމު މިސާލެއްކަން ފާހަގަކުރައްވައި، ރަސް މާލެ ބިނާކުރަނީ ވެސް އެ އުސޫލުން، އިންސާނީ ރައްކާތެރިކަމާއި އިގުތިސާދީ ފުރުސަތުތައް ދިގުމުއްދަތަކަށް ކަށަވަރުކޮށްދޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން މީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރަންޖެހޭ ހާލަތެއް އައިނަމަވެސް، އެކަން ވާންޖެހޭނީ ދުރާލާ ރޭވިގެން، އެމީހުންގެ އަމިއްލަ އިޚްތިޔާރުގައާއި، އަބުރުވެރި ގޮތެއްގައި ކަމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެ އިތުރުން، އެކަށީގެންވާ އަދި ފަސޭހައިން ލިބޭނެ މޫސުމީ ފަންޑުގެ މުހިންމުކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ ނާޒުކު ޤައުމުތަކަށް އެކަނި މި ގޮންޖެހުންތަކާ ކުރިމަތިނުލެވޭނެ ކަމަށެވެ. އެހެންކަމުން، ތަރައްޤީ ވަމުންއަން ޤައިމުތަކުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތީ، ކުދި ޖަޒީރާ ޤައުމުތަކުގެ ބޭނުންތަކަށް ޚާއްސަކޮށްގެން ލުއި ލޯނާއި ހިލޭ އެހީގެ ނިޒާމުތައް އިތުރުކޮށްދިނުމަށާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި ގާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިނުމަށެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" އަށް މަރުހަބާ ދަންނަވައި، އިންސާނީ ހައްޤުތަކަށް އިސްކަންދޭ ނިޒާމަކަށް ރާއްޖެއިން ތާއީދުކުރާނެކަން ނައިބު ރައީސް ކަށަވަރުކޮށްދެއްވިއެވެ. އަދި މިފަދަ އުސޫލުތަކާއެކު އަމަލީ ސާބިތު މަސައްކަތްތަކެއް ކުރެވިގެން ނޫނީ އަސަރުކޮށްފައިވާ މުޖުތަމައުތަކަށް ރައްކާތެރި މުސްތަގުބަލެއް ބިނާނުކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




