ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) ވަރަށް ބޮޑަށް ކޯފާވެ، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އާ ދިމާލަށް އިނގިލި ދިއްކުރައްވަން ފެއްޓެވުމުން، ޒިޔާދު ނެންގެވި ނިޒާމީ ނުކުތާއެއް މަޖިލީހުގެ ރިޔާސަތުން ބަލައިގެންފިއެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވާލެއްވި އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލަށް ބަހުސްކުރުމެވެ. މި ބިލަށް ބަހުސްކުރައްވަމުން އިބްރާހީމް މުޙައްމަދު ވިދާޅުވީ، ގުނަވަން ބަދަލުކުރުމުގެ ކަންކަމުގައި ދީނީ އިލްމުވެރިންގެ ބަސް ބޭނުންވާ ކަމަށާއި، ބިލުތައް އިސްލާމީ ޝަރީއަތާ އެއްގޮތަށް ބައްޓަންކުރަންޖެހޭ ކަމަށެވެ.
ބިލުގެ ބަހުސްގެ ތެރެއިން މައުޟޫއު ބަދަލުކުރައްވައި އިބްރާހީމް ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެ ސަރުކާރުގައި އިސްރާއީލުގެ ޑޮކްޓަރުން ގެނެސްގެން އިންސާނުންގެ ލޮލުގެ ކޯނިއާ ވަގަށް ނެގި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މި ވާހަކަތައް ދައްކަވަމުން ގެންދެވީ ޒިޔާދަށް އިޝާރާތްކުރައްވާ ފަދަ ގޮތަކަށް ކަމަށްވާތީ، ރިޔާސަތުން ވަނީ އިބްރާހީމްގެ މައިކު ކަނޑާލައި، ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އަންގަވާފައެވެ.
މި ހިސާބުން ނިޒާމީ ނުކުތާއެއް ނަންގަވައި ޒިޔާދު ވިދާޅުވީ، މެންބަރުން ބަހުސްކުރައްވަން ވާނީ ރިޔާސަތާ ކުރިމަތިލައްވައިގެން ކަމަށެވެ. "ފަހަރުގައިވެސް އަޅުގަނޑު ފަހަރެއްގައި ގައުމުގެ ވެރިކަންކުރި މީހެއްނޫން، އަޅުގަނޑާ ދިމާލަށް ބަލާތީ ބިރުން އަޅުގަނޑު މިކަން ފާހަގަކޮށްލީ،" ޒިޔާދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޒިޔާދުގެ ނިޒާމީ ނުކުތާ ބަލައިގަންނަވަމުން ވިދާޅުވީ، އެއް މެންބަރަކު އަނެއް މެންބަރަށް އިޝާރާތްކުރައްވައި ރައްދުދެއްވާ އުސޫލުން ބަހުސްކުރަން ގަވައިދު ތަން ނުދޭ ކަމަށެވެ. ނަމަވެސް، އިބްރާހީމް ވަނީ އޭނާގެ ވާހަކަ މެދުކަނޑާލުމުން އެކަން ކުށްވެރިކުރައްވައި އަލުން ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ.
އިބްރާހީމްގެ ޝަކުވާއާ ގުޅިގެން ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ނިޒާމީ ނުކުތާއެއް ނެންގެވުމުން ބަހުސް މެދުކަނޑާލުމުގެ ބާރު ރިޔާސަތަށް ލިބިގެންވާ ކަމަށެވެ. އަދި އެއީ މަޖިލީހުގެ މެންބަރުން ކުށްވެރިކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ރިޔާސަތުން ވަނީ ސާފުކޮށްދެއްވާފައެވެ.




