Thursday, November 5
މާލޭގެ މޭޔަރު އާދަމް އާޒިމްއާ އެކު ލިޔެކިޔުމުން ނޫނީ މުއާމަލާތައް ނުކުރައްވަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ނިންމަވައިފި

މާލޭގެ މޭޔަރު އާދަމް އާޒިމްއާ އެކު ލިޔެކިޔުމުން ނޫނީ މުއާމަލާތްތައް ނުކުރައްވަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ނިންމަވައިފިއެވެ. މިނިސްޓަރު މިގޮތަށް ނިންމެވިކަން ހާމަކުރެއްވީ މޭޔަރު އާޒިމަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ.

މިނިސްޓަރު މުއްތަލިބް ފޮނުއްވި ސިޓީގައި ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި މޭޔަރާއެކު އަނގަބަހުން ކުރައްވާފައިވާ މުއާމަލާތްތަކުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ޕްލެޓްފޯމްތަކުގައި އާޒިމް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި މާލޭގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން މިހާތަނަށް ބޭއްވި ބައްދަލުވުންތަކުގައި މަޝްވަރާކުރި ކަންކަމަށް މޭޔަރުގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"... އެންމެ މަސްލަހަތު ރަނގަޅު ގޮތަކަށް ވާނީ "މީޑިއާ ސްޓަންޓް" ޖެއްސުމުގެ ބަދަލުގައި ލިޔެކިޔުމުން މުއާމަލާތް ކުރުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ،" މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން، މޭޔަރާއި މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ކަންކަން މީގެ ފަހުން މިނިސްޓްރީއަށް ލިޔުމުން ފޮނުއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

މި ނިންމެވުން އައިސްފައި މިވަނީ، މިނިސްޓަރާ ބައްދަލުކުރައްވަން އުޅުއްވާތާ ދެ އަހަރުވީ އިރުވެސް އެ ފުރުސަތު ނުލިބޭ ކަމަށް ބުނެ، މޭޔަރާއި ކައުންސިލަރުން މިދިޔަ ބުދަ ދުވަހު ހައުސިން މިނިސްޓްރީ ހިންގާ ދަރުބާރުގެއަށް ވަޑައިގެންފައިވަނިކޮށެވެ. އެ ދުވަހު ބައްދަލުނުވުމުން، މުއްތަލިބަކީ "ވަރަށް ބޮޑަށް ފިލައިގެން އުޅުއްވާ މިނިސްޓަރެއް" ކަމަށް ވިދާޅުވެ، ބައްދަލުވުން ހަމަޖެހެންދެން ކޮންމެ ހަފުތާއަކު މިނިސްޓްރީއަށް ވަޑައިގަންނަވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މޭޔަރު އާޒިމް ވިދާޅުވާ ގޮތުގައި މިވަގުތު މިނިސްޓަރާ މަޝްވަރާ ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ވިލިމާލޭގެ ފުނަވައު ސަރަހައްދުގައި ހިންގާ ހައުސިން މަޝްރޫއާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތަކާއި، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އިތުރުން އާ މަސްމާރުކޭޓުގެ މަޝްރޫއު ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު