މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބޯހިޔާވަހިކަމުގެ ސްކީމަކަށް މިހާ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފުރަތަމަ ފަހަރެވެ.
އެ މިނިސްޓްރީގެ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ޖުމްލަ 58,505 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ، ރޭ ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވަގުތު އިތުރުކޮށްދިނުމަށްފަހު މެންދަމު 2:00 އަށެވެ. މީގެ ކުރިން ކުރީގެ ސަރުކާރުގެ "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމަށް ހުށަހަޅާފައިވަނީ 40،000 އަށްވުރެ ގިނަ ފޯމެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ފްލެޓްތައް ބަހާލުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ މީހުންނަށް 1،500 ފްލެޓް، އަދި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓެވެ.
މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހިއްކަމުންދާ ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާއިރު، މި ފުރަތަމަ ބުރުގައި އެތަނުން ދޫކުރުމަށް ހަމަޖެހިފައިވަނީ 15،000 ގޯއްޗެވެ.




