އައްޑޫ ސިޓީ ހުޅުދޫގައި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް މުޙައްމަދު ޞާލިޙް ނުވަތަ ޑިމްސް ސާލިހުގެ ދީލަތި އެހީތެރިކަމާއެކު ބިނާކުރި "މަސްޖިދު ޒުލައިޙާ މުޙައްމަދު" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިއަދު ހަވީރު ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި އޮނަރަބަލް މުޙައްމަދު ޞާލިޙުގެ އިތުރުން އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، އޮނަރަބަލް މުޙައްމަދު ޞާލިޙުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަޤްފުކުރައްވައި، އެ ބިމުގައި ރީތި މިސްކިތެއް ބިނާކޮށްދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ މިއަދުގެ ޒުވާން ޖީލަށް ދައްކުވައިދިން ވަރަށް ރީތި ނަމޫނާއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
އަލަށް ހުޅުވުނު މި މިސްކިތަކީ އެއްވަގުތެއްގައި 200 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހިމެނޭ ގޮތަށް ބިނާކޮށްފައިވާ މިސްކިތެކެވެ.




