ރާއްޖޭގައި ޑެންގީހުމާއި، ވައިރަލް ހުން، ބޭރަށްހިންގުން އަދި އަރިދަފުސްރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ މީހުންގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެއްޖެ ކަމަށް ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު މިނިސްޓްރީން އާންމުކުރި ރިޕޯޓުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް 778 މީހަކު ވަނީ ޑެންގީ ހުން ޖެހިގެން ޑޮކްޓަރަށް ދައްކާފައެވެ. މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ މ. އަތޮޅުގައެވެ. އެގޮތުން އެ އަތޮޅުން 83 ވޭދަނަ ފެނިފައިވާއިރު، ބ. އަތޮޅުން 75 މީހަކަށާއި ވ. އަތޮޅުން 67 މީހަކަށް މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.
ބޭރަށްހިންގުމުގެ ބަލިމަޑުކަން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ އިތުރުވެފައެވެ. މިދިޔަ މަހު ޖުމްލަ 4,726 ވޭދަނަ ރިޕޯޓްކޮށްފައިވާއިރު، މާލެ ސަރަހައްދުގެ އިތުރުން ބ، ކ، އއ، ފ އަދި ޏ އަތޮޅުގައި މި ބަލި ޖެހުނު މީހުންގެ އަދަދު ގިނައެވެ.
ވައިރަލް ހުމުގެ ހާލަތަށް ބަލާއިރު، ހއ. އަތޮޅާއި ގދ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވައިރަލް ހުން ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު 17,357 މީހަކު ވައިރަލް ހުން ޖެހިގެން ފަރުވާ ހޯދާފައިވެއެވެ.
މީގެއިތުރުން، އެންމެ ގިނައިން މީހުން ޑޮކްޓަރަށް ދައްކާފައިވަނީ އަރިދަފުސްރޯގާ ޖެހިގެންނެވެ. ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ރޯގާ ފެތުރެމުންދާއިރު، މިދިޔަ މަހު 40,457 މީހަކު ވަނީ އަރިދަފުސްރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައެވެ.




