Thursday, October 22
އީސީގެ މެންބަރުކަމަށް މުހައްމަދު ޝަކީލް އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އަށް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. އީސީގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މުހައްމަދު ޝަކީލަކީ މީގެކުރިން ވެސް އީސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2013 އިން 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްކަން ކުރެއްވިއިރު، ޑިސެމްބަރު 2014 އިން މެއި 2018 އާ ހަމައަށް އޭނާ ވަނީ އީސީގެ މެންބަރުކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

އީސީގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، ކުރިން އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު، ކޮމިޝަނުގެ ރައީސްކަމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖުމްލަ 5 މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދުގެ އިތުރުން މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، އަބްދުލްހަސީބް އިސްމާއީލް އަދި ރިފްއަތު އަބްދުﷲ އެވެ. ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޝަނުގެ ރައީސްގެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު