ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ. ސޯބެ މަގާމުގެ ހުވާކުރެއްވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ޕީއެންސީގެ މެންބަރު އަހުމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން، އޭނާގެ މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި އިލެކްޝަންގައި ސޯބެ ވާދަކުރެއްވީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގަ އެވެ.
ވާދަވެރި ކެމްޕެއިނަކަށް ފަހު ބޭއްވި މި އިންތިހާބު ސޯބެ ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އާ ވާދަކޮށް 62 ވޯޓުގެ ތަފާތަކުންނެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ސޯބެއަށް 1،375 ވޯޓު ލިބިވަޑައިގެންނެވިއިރު، ޕީއެންސީގެ ކެންޑިޑޭޓް ސޮޑާއަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ.
އަބްދުﷲ ސޯދިގަކީ ސިޔާސީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް 10 އަހަރު ދުވަހު އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފަ އެވެ. މީގެ އިތުރުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެ އެވެ.




