ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ހުށަހެޅި އާ ހެކިތަކުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން އަންނަ މަހުގެ ފުރަތަމަ ދުވަހަށް ތާވަލުކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ތާވަލުން އެނގޭ ގޮތުގައި، މި މައްސަލައިގެ ހުކުމް ކުރުން އޮންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ހިންގި ކޮރަޕްޝަނުގެ މައްސަލާގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ.
ހައިކޯޓުން އެ މައްސަލަ ނިންމިއިރު، މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ ހައިކޯޓުގެ ނިންމުމުގައިވާ އެ ބައި އެކަންޏެވެ.
މި މައްސަލައިގެ އަޑުއެހުންތައް ފުރަތަމަ ނިންމާލާފައިވަނިކޮށް، ފަނޑިޔާރުންގެ ބެންޗަށް އައި ބަދަލަކާ ގުޅިގެން އިތުރު އަޑުއެހުމެއް ބޭއްވުމަށްފަހު، ދެވަނަ ފަހަރަށް އަޑުއެހުންތައް މުޅިން ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ސުޕްރީމް ކޯޓުން މި މައްސަލާގައި ވަކި ގޮތެއް ނިންމަންދެން، ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ އާރަށު މައްސަލައިގެ ޝަރީއަތް ވެސް ވަނީ މަޑުޖައްސާލާފައެވެ.
މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޢާއިޝަތު ޝުޖޫން މުޙައްމަދެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.




