Thursday, October 22
މާފަރު އެއަރޕޯޓުގައި ރާއްޖޭގެ 6 ވަނަ މޫސުމީ މެނުއަލް ސްޓޭޝަން ޤާއިމުކޮށްފި

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މޫސުމީ މަޢުލޫމާތު އެއްކުރާ ރާއްޖޭގެ 6 ވަނަ މެނުއަލް ސްޓޭޝަން ޤާއިމުކޮށްފިއެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.

އަހަރުގެ އެކި ދުވަސްވަރު ރާއްޖެއަށް އެންމެ ގިނައިން ޕްރައިވެޓް ޖެޓުތައް ޖައްސާ މާފަރު އެއަރޕޯޓުގައި މީގެކުރިން ބޭނުންކުރަމުންދިޔައީ އޮޓޮމެޓިކް ވެދަރ ސްޓޭޝަނެކެވެ. އެހެންކަމުން، މީގެކުރިން މާފަރު އެއަރޕޯޓަށް ބޭނުންވާ މެނުއަލް މޫސުމީ މަޢުލޫމާތުތައް ހޯދަމުންދިޔައީ އެ ސަރަޙައްދާ އެންމެ ކައިރީގައި ހުންނަ ހދ. ހަނިމާދޫ އެއަރޕޯޓުގެ މެނުއަލް ސްޓޭޝަން މެދުވެރިކޮށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީސް ވިދާޅުވީ، މާފަރުގައި އަލަށް ހުޅުވި މި ސްޓޭޝަނާއެކު ރާއްޖޭގައި މޫސުން ކުރިއަށް ލަފާކުރަން ބޭނުންކުރާ މެނުއަލް ސްޓޭޝަންތަކުގެ 6 ވަނަ ސްޓޭޝަންކަމަށެވެ. މާފަރުގެ އިތުރުން މިފަދަ ސްޓޭޝަންތައް މިހާރު ހުންނަނީ ހަނިމާދޫ، ހުޅުލެ، ކައްދޫ، ކާޑެއްދޫ، އަދި ގަމުގައެވެ.

އެވިއޭޝަން ސިނާޢަތުގެ އުޞޫލުތައް ހުންނަ ގޮތުން، ގަޑިއަކު އެއްފަހަރު އެއަރޕޯޓު އޮންނަ ސަރަޙައްދުގެ މޫސުމީ މަޢުލޫމާތު ފްލައިޓުތަކަށް ފޯރުކޮށްދޭންޖެހެއެވެ. ޚާއްޞަކޮށް މޫސުން ގޯސްވާ ޙާލަތްތަކުގައި ވަގުތުން ވަގުތަށް ބަދަލުތައް އެންގުން މުހިންމުވެއެވެ. މެޓް އޮފީހުން ވިދާޅުވީ، މާފަރުގައި މި ޤާއިމުކުރި އާ ސްޓޭޝަނުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އެ ސަރަޙައްދުގެ މޫސުން މިހާރަށްވުރެ މާ ސައްޙަކޮށް ލަފާކޮށްދެވޭނެ ކަމަށެވެ.

މެޓް އޮފީހަކީ ރާއްޖޭގެ ވައިގެ ސިނާޢަތުގެ އިތުރުން މަސްވެރިންނަށާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޭނުންވާ މޫސުމީ މަޢުލޫމާތު 24 ގަޑިއިރު މޮނިޓަރކޮށް، ސައްޙަ މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދެމުންދާ އިދާރާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު