Thursday, October 22
ލޭ ހަދިޔާކުރުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން މުހިންމު ކަމެއް: ރައީސް

އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ މުޖުތަމައުގެ އާންމު ސިއްހަތު ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ލޭހަދިޔާ ކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސް  ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެއްވެސް އެދުމެއްނެތި ދީލަތިކަމާއެކު ލޭ ހަދިޔާކުރާ ފަރާތްތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނަށާއި، ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ ބަލިމީހުންނަށް ލަސްނުވެ ފަރުވާ ދިނުމުގެ މަގު ފަހިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭސްވެރިކަމާއި ޓެކްނޮލޮޖީ ކިތަންމެ ކުރިއެރިޔަސް، ލެއަކީ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރެވެން ނެތް މުހިންމު ވަސީލަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ލޭ ލިބެން ހުރުމަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމަށާއި ފުރިހަމަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.

"ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމުން، ބޭނުންވާ ވަގުތު ލޭ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ ސިއްހީ ކުއްލި ހާލަތްތަކުގައި ނުހަނު ބޭނުންތެރި ކަމެއް." - ރައީސް މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ، އަމިއްލައަށް ލޭ ހަދިޔާކުރުމުގެ އާދަ އަށަގަންނުވައި، އާންމުން ހޭލުންތެރިކުރުވުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14 ވަނަ ދުވަހަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ހާއްސަކޮށްފައިވަނީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުވުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު