ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން އެމީހުންގެ ބެލެނިވެރިން ފްލެޓަށް ކުރިމަތިލާއިރު، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ސާބިތުކޮށްދޭ ލިޔުން ހުށަހަޅަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ވިދާޅުވެފައެވެ.
ހާއްސަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހާގެ ބަދަލުގައި އެންސްޕާ ގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިޔާ އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ކަށަވަރުކޮށްދޭ ލިޔެކިޔުންތައް ނުލައި މިހާރު ފޯމު ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެމީހުންގެ ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން ހުޅުވައިލީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީއަށް އިސްލާހު ގެނެސް، ބެލެނިވެރިންނަށް ލުއިތަކެއް ދިނުމުގެ އިތުރުން، މި ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ޝަރުތުހަމަވުމަށް ބޭނުންވާ މުއްދަތުވެސް ސަރުކާރުން ވަނީ ދާދިފަހުން ކުޑަކޮށްދީފައެވެ. އެގޮތުން މިފަހަރުގެ ފްލެޓްތަކަށް ކުރިމަތިލުމަށް ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައި އޮތުން ކަމަށް ވީނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލޭގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާނަމަ ފްލެޓަށް ހުށަހެޅޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެއިތުރުން، އަމިއްލަ ނުކުޅެދުންތެރިކަމަށް ބޭނުންވާ ފަރުވާއާއި ހިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަންޖެހޭ މީހުންނަށާއި، އެފަދަ ހިދުމަތްތައް ހޯދުމުގެ ބޭނުމުގައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ފަހިކޮށްދީފައެވެ.
ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މާދަމާ ރޭ 11:59 ގައި ހަމަވާނެއެވެ.




