Thursday, October 22
ހުއްދަނެތި ފުލުހުންގެ އިމާރާތަކަށް ވަތް މީހަކު 15 ދުވަހަށް ބަންދުކޮށްފި

މާލޭގައި ހުންނަ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ގަރާޖަށް ހުއްދަނެތި ވަދެ، މުދަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ 31 އަހަރުގެ ފިރިހެނެކެވެ. އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އޭނާ ވަނީ ފުލުހުންގެ ބޮޑެތި ތަހުގީގުތަކަށް ޚާއްސަކޮށްފައިވާ އެ އިމާރާތުގެ ވެހިކަލް ގަރާޖަށް ވަދެފައެވެ. މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ނަމަވެސް، ގެއްލުން ދިނީ ކޮން އެއްޗަކަށް ކަމެއް ކޯޓު އަމުރުން ސާފެއް ނުވެއެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އޭނާ އިންކާރު ކުރި ނަމަވެސް، ފުލުހުން ވަނީ އޭނާ އެ ކުށް ކުރި ކަމަށް ބެލެވޭ ފަދަ ހެކިތަކެއް ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި، ސީސީޓީވީ ފުޓެޖްތަކުގެ ސްނެޕްޝޮޓްތައް ހިމެނެއެވެ. މީގެ އިތުރުން، އޭނާއަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދުގެ ރެކޯޑު އޮންނަ މީހެކެވެ.

ކްރިމިނަލް ކޯޓުން އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ، އޭނާ މުޖުތަމައަށް ދޫކޮށްލައިފިނަމަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައިފައެވެ.

ހެންވޭރުގައި ހުންނަ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަކީ 2023 ވަނަ އަހަރުން ފެށިގެން ފުލުހުން ބޭނުންކުރަމުން އަންނަ، ސަލާމަތީ ގޮތުން ވަރުގަދަ އިމާރާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު