Thursday, November 5
ކޮރަޕްޝަން ހުއްޓުވުމުގެ އެންމެ ބޮޑު ބާރަކީ ސިވިލް ސާވަންޓުން: އެޑިއުކޭޝަން މިނިސްޓަރު
ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ. މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލީ ގޮތުން ހިންގާ ކޮރަޕްޝަންތަކަށް މަގުފަހިވަނީ އިދާރީ ހިންގުމުގެ ތެރޭގައި ހުންނަ ނޭދެވޭ ކަންކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، ކޮރަޕްޝަންގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ އަސްލު ތަޅުދަނޑި އޮތީ ސިވިލް ސާވަންޓުންގެ އަތްމަތީގަ އެވެ.

"އިދާރީ ކޮރަޕްޝަނެއް ނުހިނގާ، މާލީ ކޮރަޕްޝަނެއް ނުހިންގޭނެ. ހަލުވިކަމާއި ފަންނީ ގޮތުން އަޅުގަނޑުމެންގެ އިދާރީ ހިންގުން އިސްލާހުކޮށްފި ނަމަ، ސަރުކާރުގެ އޮފީސްތަކަކީ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ، އަދި ރައްޔިތުން ބަލައިގަންނަ ފަދަ ފުރިހަމަ ހިދުމަތްތަކެއް ދޭ ތަންތަނަށް ހެދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އޮފީހަކުން ވެސް ހިދުމަތްތައް ރަނގަޅުކޮށް، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުން ރައްޔިތުންގެ އިތުބާރު އާލާވެ، ކޮރަޕްޝަނަށް ހުޅުވިފައި ހުންނަ ދޮރުތައް ބަންދުވާނެ އެވެ. މީގެ އިތުރުން، ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ "މޯލްޑިވްސް 2.0" ސިޔާސަތުގެ އެންމެ ބޮޑު އެއް މަގުސަދަކީ ވެސް ކޮރަޕްޝަން ނައްތާލުން ކަމަށާއި، ސިވިލް ސާވަންޓުންގެ އެއްބާރުލުމާ އެކު އެ ލަނޑުދަނޑި ހާސިލްކުރެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު