މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، 1447 ވަނަ އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ 2،384 މީހުންނަށް މިހާރު ވަނީ ޒަކާތުގެ ފައިސާ ޖަމާކޮށް ނިންމާފައެވެ. މިފަހަރު މުދަލު ޒަކާތުގެ ގޮތުގައި ބެހި 13.1 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ބޮލަކަށް 5،500 ރުފިޔާ ޖެހިފައިވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ބެހި އެންމެ ގިނަ ފައިސާއެވެ.
މުދަލުގެ ޒަކާތަކީ އަތުގައި ނިސޯބު ހަމަވާ މިންވަރަށް ފައިސާ ނުވަތަ ތަކެތި ހުރެ އެއަށް ހިޖުރީ ގޮތުން އެއް އަހަރު ފުރުމުން، އޭގެ 2.5 އިންސައްތަ ނެރުން ވާޖިބުވާ އަޅުކަމެކެވެ. އެންމެ ފަހުން މުދަލު ޒަކާތުގެ ނިސޯބަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. މިހާރު ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 9،353.40 ރުފިޔާއެވެ. މިފަހަރު ބޮލަކަށް ޖެހުނު ފައިސާގެ އަދަދު އިތުރުވުމަކީ ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ.






