ކެނެޑާގެ 31 ވަނަ ގަވަރުނަރު ޖެނެރަލް އަދި ކޮމާންޑާ އިން ޗީފްގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައިޓް އޮނަރަބަލް ލުއިސް އާބަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެކަމަނާ މި ޝަރަފުވެރި މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.
އާ ގަވަރުނަރު ޖެނެރަލްގެ ދައުރުގައި ކެނެޑާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބި، އެ ގައުމުގެ އަގުހުރި އުސޫލުތައް ދަމަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ވަރުގަދަވެ، ދެ ގައުމަށާއި ދެ ގައުމުގެ ރައްޔިތުންނަށް މީގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ގަވަރުނަރު ޖެނެރަލަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވަމުން، ކެނެޑާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހައާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.




