އިންޑިއާގައި މެދުކެނޑުމެއްނެތި އެންމެ ދިގު މުއްދަތަކަށް އެ ގައުމުގެ އިންތިޚާބީ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ނަރެންދްރާ މޯދީ ވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މޯދީއަށް މަރުހަބާ ވިދާޅުވެ، މީސްމީޑިއާ މަންސަ 'އެކްސް'ގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ އިސްތިގުލާލީ ހަމަހަމަކަމާއި ޚިޔާލު އެއްގޮތް ކަންކަމުގެ ތެރެއިން، ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މެއި 26، 2014 އިން ފެށިގެން އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ މޯދީ ވަނީ ބޮޑުވަޒީރުކަމުގައި އިއްޔެ 4,399 ދުވަސް ހަމަކުރައްވައިފައެވެ. މިއާއެކު އެމަނިކުފާނު ވެވަޑައިގެންފައިވަނީ އިންޑިއާގެ ތާރީޚުގައި އިންތިޚާބީ ބޮޑުވަޒީރެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު މަގާމުގައި ދެމިހުންނެވި ބޭފުޅާއަށެވެ.
މޯދީގެ ކުރިން އިންޑިއާގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރެއްވީ އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރު ޖަވަރުލާލް ނެހްރޫއެވެ. ނެހްރޫ ވަނީ މެއި 13، 1952 އިން ފެށިގެން މެއި 27، 1954 ގައި އެމަނިކުފާނު އަވަހާރަވުމާ ހަމައަށް 4,398 ދުވަހު ބޮޑުވަޒީރުކަން ކުރައްވައިފައެވެ.
ނަވާރަސަތޭކަ ސާޅީސް ހަތްވަނަ އަހަރު އިންޑިއާ މިނިވަންވުމަށްފަހު އެ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ނެހްރޫ އެ މަގާމަށް އިންތިޚާބުކުރީ 1952 ވަނަ އަހަރެވެ. އެހެންކަމުން މި ރެކޯޑު މުއްދަތު ގުނަން ފަށައިފައިވަނީ 1952 ވަނަ އަހަރު ނެހްރޫ ހުވާކުރެއްވި ހިސާބުން ފެށިގެންނެވެ.




