Thursday, November 5
މަގާމު ދޫކޮށްލިޔަސް، މި ހުރީ ޕާޓީ އާއި ރައީސް މުއިއްޒާއެކު: ޒަމީރު

ސިއްހީ ހާލަތު ހުރި ގޮތުން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އަބަދުވެސް ހުންނަވާނީ ޕީއެންސީގެ ފިކުރު ކުރިއެރުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ކަމަށް ކުރީގެ މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ޒަމީރު މިހެން ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ފުރަތަމަ ފަހަރަށް ޕީއެންސީގެ ޖަގަހަ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ޒަމީރު ވިދާޅުވީ މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ބޮޑެތި ޒިންމާތައް، އޭނާގެ ސިއްހީ ހާލަތު މިވަގުތު ހުރި ގޮތުން އެންމެ އެކަށީގެންވާ ގޮތެއްގައި އަދާނުކުރެއްވޭ ކަމަށެވެ. "މި ކަހަލަ ހާލަތެއްގައި އަޅުގަނޑު އެތަން ހިސޯރުކޮށްގެން، އަޅުގަނޑަށް އަދި މިވަގުތު އެ ތަނުގައި ގިނަ ދުވަހު ނުހުރެވޭ ކަހަލަ ދިމާލަކަށް އަޅުގަނޑުގެ ސިއްހީ ހާލަތު ހުރި ގޮތުން ދާން ޖެހޭއިރު ވެސް އަޅުގަނޑު ހަމަ އޭގައި ބައްދައިގެން ހުންނާކަށް ނުވާނެ ދެއްތޯ،" ޒަމީރު ވިދާޅުވި އެވެ.

ޕީއެންސީގައި ވަރަށް ގާބިލު އަދި ޒުވާން ބޭފުޅުން އެބަތިއްބެވިކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، އެފަދަ ބޭފުޅުންނަށް ޖާގަ ދެއްވައި މަގާމުން ދުރަށްވަޑައިގެންނެވިޔަސް، ރައީސް މުއިއްޒުގެ އުފެއްދުންތެރި ވިސްނުންފުޅު ކުރިއެރުވުމުގައި ދެމިހުންނަވާނެ ކަމަށެވެ. ޒަމީރު ވަނީ ރާއްޖޭގެ ދަރަނީގެ ހާލަތުން ސަލާމަތް ކުރުމަށް ރައީސް އެޅުއްވި ހިކުމަތްތެރި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.

ޚާއްސަކޮށް 500 މިލިއަންގެ ސުކޫކު އަނބުރާ ދައްކައި، އައިއެމްއެފްގެ ބެއިލްއައުޓަކަށް ނުގޮސް ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކޮށްދެއްވުމަކީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. ޒަމީރަކީ މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުގެ އިތުރުން، ފިނޭންސް މިނިސްޓަރު ކަމާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު