އާ ގަވާއިދުގެ ދަށުން ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، 2030 ވަނަ އަހަރުގެ ނިޔަލަށް ޕްލާސްޓިކް މަދުކުރާނެ ގޮތުގެ "ފޭސްއައުޓް ޕްލޭނެއް" މިނިސްޓްރީން އެކުލަވާލައި ގެޒެޓްކުރަން ޖެހެއެވެ. މި ޕްލޭން ތައްޔާރުކުރާނީ އިގްތިސާދަށާއި ތިމާވެއްޓަށް ކުރާނެ އަސަރުތަކަށް ބަލައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހުއެވެ. އޭގެތެރޭގައި ޕްލާސްޓިކް މަނާކުރާ ސަބަބުތަކާއި، ބަދަލުގައި ބޭނުންކުރާނެ ތަކެއްޗާއި، މަނާކުރާނެ ތާރީޚުތައް ހިމެނެއެވެ. ނަމަވެސް، ބައިނަލްއަގްވާމީ އެއާލައިންތަކުގެ ޝިޕްސްޓޯގެ ގޮތުގައި ގެންނަ ތަކެއްޗާއި، ފުރާ ފަސިންޖަރުންނަށް ޑިއުޓީ ފްރީއިން ވިއްކާ ތަކެތި މި ގަވާއިދުން އިސްތިސްނާވާނެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން މަނާކުރާ ޕްލާސްޓިކް ކޮތަޅުތައް ބެލުމަށްޓަކައި، ޚާއްސަ އާލާތްތައް ބޭނުންކޮށްގެން ކޮތަޅުގެ ބޯމިނާއި (މައިކްރޯން)، ދިގުމިނާއި ފުޅާމިން ބަލާނެ ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.
މި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އެގޮތުން ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ކަންކަން ތަކުރާރުވާނަމަ ކޮންމެ ޕްލާސްޓިކް އެއްޗަކަށް 150 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. އަދި ގަވާއިދާ ޚިލާފުވެގެން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 100،000 (އެއްލައްކަ) ރުފިޔާއެވެ.






