ދުވަސްނުފުރާ ވިހާ ކުދިންގެ ބަލިތަކަށް (ނިއޯނެޓޮލޮޖީ) ޚާއްސަވެވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު، މުހައްމަދު ފައިސަލް އައިޖީއެމްއެޗް ހޮސްޕިޓަލާ ގުޅިވަޑައިގެންފިއެވެ.
އައިޖީއެމްއެޗްއިން ހާމަކުރި ގޮތުގައި، ޑރ. ފައިސަލް އެ ހޮސްޕިޓަލާ ގުޅިވަޑައިގަތުމަކީ ތުއްތު ކުދިންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ވަރުގަދަވެ، ފުޅާވެގެންދާނެ ކަމެކެވެ. ސްރީލަންކާއިން މި ދާއިރާއިން ސަބް-ސްޕެޝަލިޓީ ހާސިލްކުރެއްވުމަށްފަހު، ޑރ. ފައިސަލް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ.
ދުވަސްނުފުރާ ވިހާ ކުދިންނަށް ޚާއްސަ ފަރުވާ ދެނީ އެންއައިސީޔޫ (NICU) ގައެވެ. ރާއްޖޭގައި އެންމެ ޒަމާނީ އަދި އެންމެ ވަސީލަތްތައް ފުރިހަމަ އެންއައިސީޔޫއެއް ހުންނަނީ އައިޖީއެމްއެޗްގައެވެ.
ޑރ. ފައިސަލްއަކީ މެޑިކަލް ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ ވަނީ މީގެކުރިން އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ހޮސްޕިޓަލްތަކުގައިވެސް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.




