Thursday, October 22
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި
ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް ގަދަވެ، އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މިއަދު ހަވީރު 18:00 ގެ ނިޔަލަށް ހުދު ސަމާލު (ވައިޓް އެލާޓް) ވެސް ނެރެފައެވެ.

މި ދުވަސްވަރު އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގެ މިނެއްގައި ހުންނާނެ ކަމަށް ބެލެވުނު ނަމަވެސް، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޙާއްސަ ސަމާލުކަމެއް ދީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު