Thursday, November 5
ބީއެމްއެލަށް ފިޗުގެ ސީސީސީ ރޭޓިން ދީފި

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް "ސީސީސީ-" ކްރެޑިޓް ރޭޓިން ދީފިއެވެ. ބީއެމްއެލްއިން މިއަދު ހާމަކުރި ގޮތުގައި، ފިޗުން އެ ބޭންކަށް ދީފައިވަނީ "ސްޓޭބަލް އައުޓްލުކް" އާއެކު "ސީސީސީ-" ގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިންއެކެވެ. މީގެ އިތުރުން، ލޯކަލް ކަރަންސީ ލޯންގް ޓާމް ރޭޓިންގްގެ ގޮތުގައި 'ސީސީސީ+' ދީފައިވާއިރު، މިއީ ދައުލަތުގެ ރޭޓިންއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންއެކެވެ.

ފިޗުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ހުރީ ވަރުގަދަކޮށެވެ. މި ރޭޓިންގް ދީފައިވަނީ މިިދިޔަ އޭޕްރީލްގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައުލަތުން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވްރިން ރޭޓިންގް "ސީސީ" އިން "ސީސީސީ-" އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާއި ފޮރިން ކަރަންސީއާ ބެހޭ ގާނޫނު ތަންފީޒުކުރުމަކީ ވެސް ރާއްޖޭގެ ރޭޓިންގް މަތިވުމަށް ބާރުއެޅި ކަންކަން ކަމުގައި ފިޗުން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ބޭންކުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވެސް ފިޗުން ވަނީ ރިއާޔަތްކޮށްފައެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތަދުކަމުގެ ސަބަބުން ބޭންކިންގ ދާއިރާގެ ފަންޑިންގ އަދި ލިކުއިޑިޓީއަށް ބާރުބޮޑުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މިފަދަ ގޮންޖެހުންތަކާއެކު ވެސް ބީއެމްއެލްގެ ވަރުގަދަ ޑިޕޮސިޓް ބޭސްއާއި ލިކުއިޑިޓީ މެނޭޖްމަންޓުގެ ސަބަބުން ބޭންކުން އަންނަނީ ހަރުދަނާކަމާއެކު މަސައްކަތް ކުރަމުންނެވެ.

ބީއެމްއެލްގެ ގޮފިތަކުގެ ވިއުގައާއި، ޑިޖިޓަލް ބޭންކިންގް ޕްލެޓްފޯމްތަކުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކާއެކު އޮތް ގާތް ގުޅުމަކީ އަދި ރަނގަޅު ކެޕިޓަލް މެނޭޖްމަންޓަކީ ބޭންކުގެ މާލީ ހާލަތު ދައްކުވައިދޭ މުހިންމު ސަބަބުތަކެއް ކަމަށް ފިޗުން ދެކެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު