Thursday, November 5
ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތު ހުރިހާ މިނިސްޓްރީއަކުން އާންމުކޮށްފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ވަކިވަކި އާރުޓީއައި (RTI) ހުށަހެޅުމަކާ ނުލައި ސަރުކާރުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ރައީސް އޮފީހާއި ހުރިހާ މިނިސްޓްރީތަކުން ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ. މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މި މިންގަނޑަށް މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުން ނުވަތަ "ޕްރޯއެކްޓިވް ޑިސްކްލޯޒާ" ގެ އެވްރެޖު މިހާރު ރައީސް އޮފީހާއި 16 މިނިސްޓްރީއަކުން 100 ޕަސެންޓު ހާސިލުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން މި އެވްރެޖު ހުރީ އެންމެ 34 ޕަސެންޓުގައެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން އާހިދު ވިދާޅުވީ، "ކޮމްޕްލަޔަންސްގެ މަސައްކަތަކީ މާ ޝަރަފުވެރި ނުވަތަ ފާހަގަކޮށްލެވޭ މަސައްކަތަކަށް ނުވެދާނެ. އެކަމަކު މިއީ ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް. އަދި މި ލަނޑުދަނޑިއަށް ވާސިލުވުމަކީ ނިމުމެއް ނޫން، މިއީ ފެށުމެއް" ކަމަށެވެ. އޭނާ ވަނީ މި މަސައްކަތުގައި ބައިވެރިވި ހުރިހާ ޓީމުތަކުގެ އަގު ވަޒަންކުރައްވާފައެވެ.

ކުރިއަށް ހުރި މުހިންމު ފިޔަވަޅުތައް

އިންފޮމޭޝަން ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި ދެން އެންމެ މުހިންމު ކަމަކީ މިނިސްޓްރީތަކުގެ ދަށުން ހިނގާ ހުރިހާ އިދާރާތަކެއް ފުރިހަމަ ކޮމްޕްލަޔަންސް ލެވެލްއަށް ގެނައުމެވެ. މީގެ އިތުރުން، ޝާއިއުކުރެވިފައިވާ މައުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުމާއި، އާރުޓީއައިގެ ހުރިހާ ހުށަހެޅުންތަކަކަށް ވަގުތުން ވަގުތަށް ޖަވާބުދާރީވުން ކަށަވަރުކުރުމަކީ ކުރަންޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައިވާ ގޮތުން، އިދާރާތަކުގެ ހިންގުމުގެ އޮނިގަނޑާއި، ދޭ ހިދުމަތްތަކާއި، މުވައްޒަފުންގެ މައުލޫމާތު ހިމެނޭ ގޮތަށް ޖުމްލަ 13 ބާވަތެއްގެ މައުލޫމާތު މަދުވެގެން އަހަރަކު އެއް ފަހަރު އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަން ޖެހެއެވެ. ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ހުށަހެޅި 288 އާރުޓީއައިގެ ތެރެއިން 233 ހުށަހެޅުމަކަށް ވަނީ ޖަވާބު ދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު