Thursday, November 5
36 ކިލޯ ޑްރަގުގެ މައްސަލާގައި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އައި ބޯޓެއްގައި މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ ޒަފަރް އަހްމަދު ނަމަކަށް ކިޔާ މީހެކެވެ.

މުދާ ޝިޕްމެންޓެއްގެ ތެރެއިން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މި މައްސަލައާ ގުޅިގެން މީގެ ކުރިން ދެ ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އެ ތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މ. މުލައް، މަދާރުގެ، ހަސަން މަފާޒު އާއި ހ. ފިލްމީސައިޓް، ވިޝާމް މުހައްމަދު އެވެ. މި ދެ މީހުން ހައްޔަރުކުރީ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ފެބްރުއަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލާގައި އަލަށް ހައްޔަރުކުރި ޒަފަރް އަހްމަދަކީ ރާއްޖޭގައި ދިރިއުޅޭ، އަދި ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސް މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ޝިޕްމެންޓް އެތެރެކުރުމުގެ މުޅި އޮޕަރޭޝަނުގައި އިސްކޮށް ހުރީ ޒަފަރްއެވެ.

ޒަފަރްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި 15 ދުވަހުގެ މުއްދަތެއް ދިނީ، އޭނާއަށް ވަކީލަކާ ބައްދަލުނުވާ ކަމަށް ބުނެފައިވާތީ އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު