ރާއްޖޭގެ އެކި ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ ތަރައްގީގެ ގިނަ މަޝްރޫއުތައް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ، އޭނާ މަގާމާ ހަވާލުވިއިރު ކުންފުނީގެ މާލީ ނިޒާމާއި ހިންގުން ބޮޑަށް ބުރަދަންވެފައި އޮތުމުގެ ސަބަބުން މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް، ކުންފުނީގެ އޮނިގަނޑު އިސްލާހުކޮށް، ހިންގުން ހަރުدަނާކުރުމަށްޓަކައި މިހާރު ގިނަ ބަދަލުތަކެއް ގެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓާއި، ފެނާއި، ނަރުދަމާގެ އަސާސީ ހިދުމަތްތަކުގެ އިތުރުން، ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ހިންގާ ގިނަ މަޝްރޫއުތަކެއް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ރާއްޖޭގެ 35 ރަށެއްގައި ޖުމްލަ 48 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށް އަފީފް ވިދާޅުވިއެވެ. މީގެ ތެރެއިން 6 ރަށެއްގެ މަޝްރޫއުތައް މިހާރު އެއްކޮށް ނިމިފައިވާއިރު، އިތުރު 6 ރަށެއްގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އަސާސީ ހިދުމަތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ޕޮލިސް ޕޯސްޓުތަކާއި، ސްކޫލްތަކުގެ އިމާރާތްތަކާއި އަދި ހޮސްޕިޓަލްތަކުގެ ބިނާކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.
މަޝްރޫއުތައް ނިންމުމަށް ރާވާފައިވާ ތާވަލާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން އެމްޑީ ވިދާޅުވީ، ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް އޮތް 3 ނުވަތަ 4 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ބޮޑުބައި މިއަހަރުގެ ނިޔަލަށް ނުވަތަ އެންމެ ލަސްވެގެން އަންނަ 2027 ވަނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބައެއް މަޝްރޫއުތަކުގެ ބާވަތުން އިތުރު އަހަރެއްހާ ދުވަސް ނަގާފާނެ ކަމަށްވެސް އޭނާ ލަފާކުރެއްވިއެވެ.
ރަށްރަށުގައި މަޝްރޫއުތައް ކުރިއަށްގެންދާއިރު، މަސައްކަތަށް ބޭނުންވާ މާއްދީ ތަކެއްޗާއި ސާމާނު ލޮޖިސްޓިކްސްގެ ތެރެއިން ފޯރުކޮށްދިނުމުގައްޔާއި، މަސައްކަތްތައް ހިންގާނެ ފަންނީ އަދި ގާބިލު މުވައްޒަފުން ހޯދުމުގައި ދަތިތަކަކާ ކުރިމަތިވަމުންދާކަން ފެނަކައިން ފާހަގަކުރެއެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކޮށް، މަޝްރޫއުތައް އަވަހަށް ނިންމުމަށް މުޅި ފެނަކަ ޓީމުން އަންނަނީ ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ.




