ފެނަކަ ކޯޕަރޭޝަންގެ މާލީ ހާލަތު ރަނގަޅުކޮށް، ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުންފުނީގެ މުވައްޒަފުންގެ އޮނިގަނޑު އިސްލާހުކޮށް "ރައިޓް ސައިޒް" ކުރުމުގެ ވިސްނުން އެބަހުރި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ، ފެނަކައާ ހަވާލުވެވަޑައިގެން ކުންފުނީގެ ހާލަތު ބެއްލެވިއިރު، އިސްލާހުކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެތީގެ އެކަށީގެންވާ ސްޓޮކެއް ވެސް ކުންފުނީގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަފީފް ވިދާޅުވީ ކުންފުނީގެ ބައެއް ދާއިރާތަކުގައި މުވައްޒަފުންގެ އަދަދު ބޭނުންވާ ވަރަށްވުރެ އިތުރު ކަމަށާއި، މިހާރުވެސް ކުންފުނީގައި 8،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ތިބިއިރު، އެންމެ އެކަށޭނެ ގޮތެއްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރެވޭ މުވައްޒަފުން ތިބޭނެތީ، އެ ކަންކަން ބަލައި އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް އެންމެ އިތުބާރުހުރި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި ކުންފުނި ހިންގަން އެންމެ އެކަށީގެންވާ މިންގަނޑަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ހާމަކުރައްވަމުން އަފީފް ވިދާޅުވީ، މި ދިރާސާތަކުގެ ތެރެއިން ރަނގަޅު ކުރެވޭނެ ވަރަށް ގިނަ ކަންކަން ފާހަގަވަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ކުންފުނީގެ އޮނިގަނޑު މުރާޖައާކޮށް، މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ބައްޓަންކުރުން ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.




