އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ތަރައްގީކުރާ ސެންޓްރަލް ޕަވާ ސްޓޭޝަނަށް ބޭނުންވާ އިންޖީނުތައް ފެކްޓްރީގައި އުފެއްދުމުގެ މަސައްކަތް މިހާރު ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފު ހުސެއިން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޑޫގެ މަރުކަޒީ އިންޖީނުގެ މަޝްރޫއުގެ މަސައްކަތްތައް އެއްވެސް މެދުކެނޑުމެއްނެތި ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި ޕަވަރ ސްޓޭޝަނަށް ބޭނުންވާ ހާއްސަ އިންޖީނުތައް ބޭރުގެ ފެކްޓްރީއެއްގައި ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ބޮޑު މަޝްރޫއު ހަލުވި މިނެއްގައި ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމްޑީ އަރުއްވާފައިވެއެވެ.
ފެނަކައިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އައްޑޫގެ އައު ޕަވަރ ސްޓޭޝަނުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގިނަ ދުވަހަށް ދެމިހުންނަ، ފެންވަރު ރަނގަޅު "ލޯ-ސްޕީޑް" ޖަނަރޭޓަރުތަކެކެވެ. އަދި މި އިންޖީނުތައް ރާއްޖެ ގެނެސް، ހިދުމަތް ފެށުމުގެ ކުރިން، އެ ތަކެތި ބަލަހައްޓާނެ މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީ، ހިދުމަތަށް ތައްޔާރުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.




