ފެނަކަ ކޯޕަރޭޝަނުން ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ދިނުމަށްޓަކައި މުޅިން އައު ދެ ޖެނެރޭޓަރު ގެނެސް ދެ ރަށަކަށް ފޮނުވައިފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ރާއްޖެ ގެނައި މި ދެ ޖެންސެޓަކީ 400 ކިލޯވޯޓުގެ ދެ ޖެނެރޭޓަރެވެ. މި ޖެންސެޓްތައް ފޮނުވާފައިވަނީ ފ. މަގޫދޫގެ އިތުރުން ރ. އިންނަމާދޫ އަށެވެ. އިއްޔެގެ ވަގުތެއްގައި އެ ދެ ރަށަށް ޖެނެރޭޓަރުތައް ގެންގޮސްފައިވާއިރު، މިހާރު ދަނީ އިންސްޓޯލް ކުރުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ. ފެނަކައިން ބުނި ގޮތުގައި މިއަދުގެ ނިޔަލަށް އިންސްޓޯލްކޮށް ނިންމާ، މި ދެ ޖެނެރޭޓަރު ވެސް ހިދުމަތަށް ނެރުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
މި ބަދަލާއެކު ފ. މަގޫދޫގެ ކަރަންޓުގެ ހާލަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މަގޫދޫގައި މިހާތަނަށް ކަރަންޓުގެ ހިދުމަތް ދެމުން ގެންދިޔައީ 400 ކިލޯވޯޓުގެ ޖެންސެޓަކާއި 150 ކިލޯވޯޓުގެ ޖެންސެޓެއް ބޭނުންކޮށްގެންނެވެ. ނަމަވެސް ރަށުގެ ޑިމާންޑު ހުރި ގޮތުން ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކަކާ ކުރިމަތިވަމުންދާތީ، އަލަށް މި ގެނައި ޖެނެރޭޓަރުގެ އެހީގައި ރަށުގެ ކެޕޭސިޓީ އިތުރުވެ، ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
މީގެ އިތުރުން ރ. އިންނަމާދޫގެ ކަރަންޓުގެ ހިދުމަތަށް ވެސް މި ބަދަލާއެކު ބޮޑު ލުޔެއް ލިބޭނެއެވެ. އެރަށުގައި މިވަގުތު ހިދުމަތް ދިނުމަށް ތިން ޖެނެރޭޓަރު ހުރިއިރު، އެ ތަންތަނުގެ ޖުމްލަ އިންސްޓޯލްޑް ކެޕެސިޓީއަކީ 1000 ކިލޯވޯޓެވެ. އެހެންނަމަވެސް ރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމަށްޓަކައި މިހާރު ހުރި ހުރިހާ ޖެނެރޭޓަރެއް އެއްފަހަރާ ހިންގަން ޖެހުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ފެނަކައިން ފާހަގަކުރި ގޮތުގައި އަލަށް އިތުރުކުރެވުނު 400 ކިލޯވޯޓުގެ ޖެންސެޓާއެކު، ކަރަންޓުގެ ހިދުމަތަށް އެއްވެސް ބުރޫއެއް ނާރާ މެދުކެނޑުމެއްނެތި ރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.




