ދިވެހިން އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގައި ކެމިކަލް ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ހާއްސަ ދިރާސާއެއް ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ. މި ދިރާސާގެ ސަބަބުން ދިވެހިން ކައިބޮއެ އުޅޭ ތަކެތީގައި ހިމެނޭ ކެމިކަލްގެ ބާވަތްތަކާއި އޭގެ މިންވަރު ސާފުވެގެންދާނެއެވެ.
އެމްއެފްޑީއޭގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރު ހާލިސާ މުހައްމަދު ވިދާޅުވީ، ދަނޑުތަކުގައި ހައްދާ ތަކެތި ޓެސްޓުކުރާނެ މެތަޑުތައް މިހާރު ތަރައްގީކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން "ޓޯޓަލް ޑައިޓް ސްޓަޑީ" އެއް ހަދައި، ދިވެހިންގެ އާއްމު ކެއުމުގައި ހިމެނޭ ތަކެތީގައި ހުރި ކެމިކަލްތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި ޑަބްލިއުއެޗްއޯއާ ގުޅިގެން ޕްރޮޕޯޒަލްއެއް އެކުލަވާލާފައިވާ އިރު، ފިނޭންސް މިނިސްޓްރީން މިހާރު އަންނަނީ އެކަމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ދިވެހިންގެ ކާބޯތަކެއްޗާ ގުޅޭ ސާވޭއެއް ހެދުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ރޭވިފައެވެ.
ރާއްޖޭގައި ކެންސަރު ބަލި އިތުރުވަމުންދާތީ، އެއީ ކާބޯތަކެތީގައި ހުންނަ ކެމިކަލްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބުނެ އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާލިސާ ވިދާޅުވީ "ކޮންޓެމިނޭޓް ދިރާސާ ހެދުމުން، ގިނައިން ހުންނަނީ ކެންސަރަށް މަގުފަހިވާ ކޮން ކެމިކަލެއްކަން އެނގޭނެ" ކަމަށެވެ. މިހާތަނަށް ރާއްޖޭގައި މިފަދަ ޔަގީން މައުލޫމާތެއް އެއްކުރެވިފައެއް ނުވެއެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެމްއެފްޑީއޭއަށް ލާޒިމްކޮށްފައިވާ މި މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ ބޭނުންވާ ފަންޑު ހަމަޖެހުމުންނެވެ. މިހާރުވެސް މާކެޓުގައި ހުންނަ ތަކެތީގެ ރެންޑަމް ސާމްޕަލް ނަގައިގެން ޓެސްޓު ކުރަމުންދާ އިރު، އާ މެތަޑުތައް ތަރައްގީވުމުން ދަނޑުތަކުން ތަކެތި ބާޒާރަށް ނެރުމުގެ ކުރިން ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ.




