Thursday, November 5
ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫ ކައިރިއަށް ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްހާގް ރަޝީދު (44އ) އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ފަތިހު 5:40 ހާކަންހާއިރުއެވެ. އޭނާ ގެއްލުނީ ޑައިވިނަށް ފޭބި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

އިސްހާގު ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ. ގައްދޫ ކައުންސިލުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 7:30 ހާއިރުއެވެ. އޭނާ ފެނުމާއެކު ވަނީ ގައްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިސްހާގު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު