Thursday, November 5
ސޯބެ އިންތިހާބު ކާމިޔާބުކޮށް މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފިއެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވީ 60 ވަރަކަށް ވޯޓުގެ ތަފާތަކުންނެވެ.

މިއަދު ބޭއްވުނު މި ބައި އިލެކްޝަންގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ. އިލެކްޝަންސް ކޮމިޝަނުން ރަސްމީ ނަތީޖާ އަދި އިއުލާން ނުކުރި ނަމަވެސް، މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ސޯބެއަށް 1،375 ވޯޓު ލިބިވަޑައިގެންފައިވާއިރު، ސޮޑާއަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ މެމްބަރުކަން، ސާބިތު ދަރަންޏަކާ ހެދި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4،121 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2،073 އަންހެނުންނާއި 2،048 ފިރިހެނުންނެވެ.

އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ބެހެއްޓި ހަތް ފޮށީގެ ތެރެއިން ހަތަރު ފޮށިން ކުރި ހޯއްދެވީ ސަރުކާރު ކެންޑިޑޭޓް ސޮޑާ އެވެ. ނަމަވެސް، ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވީ މާލޭގައި ބެހެއްޓި ފޮށިތަކުން ހޯއްދެވި ބޮޑު އަގުލަބިއްޔަތާއެކުގައެވެ. މިއާއެކު އެ ދާއިރާގެ މަޖިލިސް ގޮނޑި ސޯބެއަށް މިހާރު ވަނީ ކަށަވަރުވެފައެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު