ޕާކިސްތާން އަތުން 3-0 އިން ބަލިވެ، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް މިއަދު ގެއްލިއްޖެއެވެ. ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް މާލޭގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އަފްގާނިސްތާން އަތުން ވެސް ވަނީ 1-0 އިން ބަލިވެފައެވެ.
މުބާރާތުގެ ތާވަލަށް ބަލާއިރު، ޕާކިސްތާނަށް މިހާރު ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އަފްގާނިސްތާނަށް ތިން ޕޮއިންޓް އަދި ބަންގްލަދޭޝްއަށް އެއް ޕޮއިންޓް ވަނީ ލިބިފައެވެ. މިރޭ އަފްގާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، އޭގެ ތެރެއިން އެއް ޓީމަކަށް މަދުވެގެން ހަތަރު ޕޮއިންޓް ހަމަވާނެތީ، ރާއްޖެއަށް ފައިނަލަށް ދިއުމުގެ މެތެމެޓިކަލް އެއްވެސް ފުރުސަތެއް މިހާރު ނެތެވެ.
ގައުމީ ޓީމުގެ ކުރީގެ ކޯޗު އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ނާއިޒް ހަސަން (ދާދު) އަށް އޭރިއާ ތެރެއިން ފައުލް ކުރި ކަމަށް ބުނެ ރާއްޖޭގެ ކުޅުންތެރިން އެޕީލް ކުރި ނަމަވެސް، އިންޑިއާގެ ރެފްރީ އަޝްވިން ކުމާރު ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ.
ޕާކިސްތާނުން މެޗުގެ ލީޑު ނެގީ 53 ވަނަ މިނިޓުގައި އުމަރު ނަވާޒް ކާމިޔާބު ކުރި ލަނޑުންނެވެ. ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި ބޯޅައެއްގެ ރީބައުންސްގައި ނަވާޒް މި ލަނޑު ޖެހިއިރު، އޭގެ ފަހުން ރާއްޖޭގެ އައިސަމް އިބްރާހިމް، މުހައްމަދު އިލާން އިމްރާން އަދި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާތައް ޕާކިސްތާނުގެ ކީޕަރު ޔޫސުފް އީޖާޒް ބަޓް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ ފަހު 10 މިނިޓުގެ ތެރޭގައި ޕާކިސްތާނުން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްފައެވެ. 84 ވަނަ މިނިޓުގައި އަބްދުއްސަމަދު ޝަހްޒާދު ދެވަނަ ލަނޑު ޖެހިއިރު، ތިންވަނަ ލަނޑަކީ 87 ވަނަ މިނިޓުގައި ހާރޫން އަބްދުއްރަޝީދު ފޮނުވާލި ބޯޅައެއް ރާއްޖޭގެ އައިސަމް ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ވަން ލަނޑެކެވެ.
މި ނަތީޖާއާއެކު ރާއްޖެ މުބާރާތުން ކަޓާފައިވާއިރު، ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރާނީ ބަންގްލަދޭޝްއާއެވެ. ޕާކިސްތާނަށް ބާކީ އޮތީ އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.




