Thursday, November 5
އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު "އިމާދުއްދީން" މި މަހު ރާއްޖެ ގެންނަނީ

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު "އިމާދުއްދީން" އެމްއެންޑީއެފްގެ ކްރޫއިންނާއެކު މި މަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް ނިންމައިފިއެވެ. އޮސްޓްރޭލިއާގައި ބަނދެފައިވާ މި މުޅިން އައު މަނަވަރު ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.

މި ބޯޓު ރާއްޖެ ގެނައުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑް ކްރޫއިންނާއެކު މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ލަފާކުރެވޭ ގޮތުގައި މި މަނަވަރު ރާއްޖެއަށް އާދެވޭނީ މި މަހުގެ 15 ނުވަތަ 17 ވަނަ ދުވަހުއެވެ. އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ މި ބޯޓު ހަވާލުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވެ، ދިފާއީ ދާއިރާގައި ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވިކަން ރަމްޒުކޮށްދޭ މުހިންމު ކަމެއް ކަމަށެވެ.

މި އުޅަނދު ލިބުމާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރި ކުރުމަށާއި ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެއް ކަމަށެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވަނީ މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއްކަން ފާހަގަކުރައްވައި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާ ވެސް ވަނީ ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޮސްޓްރޭލިއާއިން މި ބޯޓު ހަދިޔާކުރާނެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގައެވެ.

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ އަހަރު ތުރުކީވިލާތުން ވެސް ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކޮށްފައެވެ. އެ އުޅަނދު އޮޕަރޭޓު ކުރުމަށްޓަކައި ދިވެހި ސިފައިން ވަނީ ތުރުކީގައި ތަމްރީނުވެސް ހޯދާފައެވެ. ތުރުކީން ހަދިޔާކުރި ބޯޓަކީ 1981 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ނޭވީގައި ބޭނުންކުރަމުން އައި އުޅަނދެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު