ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންގެ އެންމެ ފަހުގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ކުންފުންޏަށް ހުށަހެޅުމަށް އެ ކުންފުނިން އަންގައިފިއެވެ. މިކަން އަންގާފައިވަނީ ފެނަކައިން ނެރުނު އިންޓާނަލް މެމޯއެއް މެދުވެރިކޮށެވެ.
އެ މެމޯގައިވާ ގޮތުން، ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދުމަށްފަހު، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ހެޑް އޮފީހަށް ފޮނުވަން ޖެހޭނެއެވެ. މިއީ ކުންފުނީގެ އިދާރީ ހިންގުމުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.
ކުންފުނީގެ ހަރަދު ކުޑަކުރުމުގެ މަސައްކަތް
ފެނަކައިން މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަން ފަށާފައި މިވަނީ، އެ ކުންފުނީގެ އާ މެނޭޖްމަންޓުން ކުންފުނީގެ ހަރަދު ކުޑަކުރުމަށާއި މުވައްޒަފުންގެ އަދަދު މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އެދޭ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވީ، ފެނަކައަކީ މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް ވާއިރު، ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. "ކުންފުނިން މީހުން މަދުކުރުމުގެ މަސައްކަތުގެ ދަށުން، ހެޑް އޮފީހާއި އަތޮޅުތަކުގެ ބްރާންޗުތަކުގައި ތިބެން ޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" އަފީފް ވިދާޅުވިއެވެ.
ބްރާންޗުތައް ގިންތިކުރުން
ކުންފުނި ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން އަތޮޅުތަކުގެ ބްރާންޗުތައް މިހާރު ވަނީ ހަތަރު ގިންތިއަކަށް ބަހާލާފައެވެ. އެންމެ މަތީ ގިންތީގައި ސިޓީތަކުގެ ބްރާންޗުތައް ހިމެނޭއިރު، ދެން ހިމެނެނީ 1000 އަށް ވުރެ ގިނަ ކަސްޓަމަރުން ތިބޭ ބްރާންޗުތަކާއި، 500 އާއި 1000 އާ ދެމެދު ކަސްޓަމަރުން ތިބޭ ބްރާންޗުތަކެވެ. މީގެ އިތުރުން 300 އާއި 500 އާ ދެމެދު ކަސްޓަމަރުން ތިބޭ ބްރާންޗުތަކާއި، 300 އަށް ވުރެ މަދު ކަސްޓަމަރުން ތިބޭ އެންމެ ކުދި ބްރާންޗުތައް ވެސް ވަނީ ގިންތިކޮށްފައެވެ.
އެމްޑީ އަފީފް އިތުރަށް ވިދާޅުވި ގޮތުގައި، މި ގިންތިތަކަށް ބަލައި ކޮންމެ ތަނެއްގައި ތިބެންޖެހޭ މުވައްޒަފުންގެ އަދަދުތައް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި ބަދަލުތަކަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފެނަކައިން ދެކެއެވެ.




