Thursday, November 5
ރާއްޖޭގައި އީދު ފާހަގަކުރަން އިސްލާމިކް މިނިސްޓްރީން ޕްލޭނެއް އެކުލަވާލަނީ

މި ފެށޭ ހިޖުރީ އާ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް، ފިޠްރު ޢީދާއި އަޟްޙާ ޢީދު ފާހަގަކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވައިލަން ފަށާފައިވާ ކަމަށް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ޢީދު ފާހަގަކުރުމާ ބެހޭ ގޮތުން މިނިސްޓްރީގެ ޚާއްސަ ކޮމިޓީއަކުން ޕްލޭނެއް އެކުލަވާލަން ފަށާފައިވާ ކަމަށާއި، މި ޕްލޭންގެ ދަށުން ކައުންސިލްތަކާ މަޝްވަރާކޮށް، ރަށްރަށުގައި ހަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް ސިޓީތަކުގައި ޢީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އާޓްސް މިނިސްޓްރީއާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ބައްޓަންކުރާނީ އިސްލާމީ ސަގާފަތާއި ރިވެތި އުސޫލުތަކާ އެއްގޮތަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިދިޔަ އަޟްޙާ ޢީދުގެ ދުވަސްވަރު ވެސް މިނިސްޓަރު ޝަހީމް ވަނީ ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާ ޚިލާފުނުވާ ގޮތުގެ މަތިންކަން ހަނދާންކޮށްދެއްވާފައެވެ. "ޢީދުގެ އުފާ ފާޅުކުރަމުންދާއިރު އިސްލާމީ ރިވެރި އަޚުލާގާއި ރިވެތި އުސޫލުތަކަށް ރައްކާތެރިވާންވާނެ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާ ފާޅުކުރާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް މީގެ ކުރިން އިލްތިމާސްކުރައްވައިފައެވެ.

ޢީދު ދުވަސްތަކަކީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅުމަށް އޮތް ދުވަސްތަކެއް ނަމަވެސް، މި އުފާފާޅުކުރުންތައް އޮންނަންވާނީ ދީނީ އިމުގެ ތެރޭގައިކަން މި އަހަރުގެ އަޟްޙާ ޢީދުގެ ޚުތުބާގައި ވެސް ވަނީ ހަނދާންކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު