އާދިއްތަ, November 8
އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 220 އަށް އަރާ ކަމަށް ލަފާކޮށްފި

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކުރި ގޮތުގައި، މިހާރު ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމުގައި މަރުވި ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު 220 އަށް އަރައިފިއެވެ.

އެ ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ވިދާޅުވީ، ބަލި ދެނެގަތުމުގައި ލަސްތަކެއް ވުމުގެ ސަބަބުން، ބަލި ފެތުރޭ ދުވެލި ހުރީ ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކަށްވުރެ މާ ބާރުމިނެއްގައެވެ.

އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) އާ އިންވެގެންވާ ގައުމުތަކުން މިކަމާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

މި ބަލިމަޑުކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޔުގެންޑާއިން ވެސް އިތުރު ދެ ކޭސް ފެނިފައިވާކަމަށް އެ ގައުމުން ހޯމަ ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ. މިއާއެކު ޔުގެންޑާއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ ހަތަކަށް އަރާފައެވެ. ޔުގެންޑާގެ މިނިސްޓްރީ އޮފް ހެލްތުން ބުނި ގޮތުގައި އަލަށް ފެނުނު ދެ ކޭސްއަކީ ވެރިރަށް ކަމްޕާލާގެ އަމިއްލަ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ދެ ސިއްހީ އެހީތެރިންނެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، ޑީއާރްސީގައި ބަލި ދެނެގަތުމުގެ މަސައްކަތް ވަރުގަދަކުރުމާއެކު، މިހާތަނަށް ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 900 އަށްވުރެ ގިނަ ކޭސް ވަނީ ފާހަގަކުރެވިފައެވެ.

އެބޯލާއަކީ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެހީގެ ޒަރީއާއިން ޑައިރެކްޓް ކޮންޓެކްޓްވުމުން ފެތުރޭ ނުރައްކާތެރި ވައިރަހެކެވެ. މި ބަލީގެ ސަބަބުން ލޭ އައިސް، ގުނަވަންތައް ފެއިލްވެ ބަލިމީހާ މަރުވުމަށް މެދުވެރިވެއެވެ.

މިފަހަރު ފެތުރެމުންދަނީ "ބުންޑިބުގްޔޯ" ނަމަކަށް ކިޔާ އެބޯލާގެ ނާދިރު ވައިރަސް ސްޓްރެއިންއެކެވެ. މި ވައިރަހަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

މި ބަލިމަޑުކަމުގެ މަރުކަޒަކީ ޑީއާރްސީގެ އުތުރު އިރުމަތީ ޕްރޮވިންސެއް ކަމަށްވާ އިޓޫރީއެވެ. ނަމަވެސް މިހާރު ވަނީ އެ ސަރަހައްދާ 200 ކިލޯމީޓަރު ދުރަށް، އަވަށްޓެރި ޕްރޮވިންސްތަކަށާއި ގައުމީ ބޯޑަރު ހުރަސްކޮށް ޔުގެންޑާއަށް ވެސް ފެތުރިފައެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން ޑަބްލިއުއެޗްއޯއިން ވަނީ މި ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި މިދިޔަ ހަފުތާގައި ކަނޑައަޅާފައެވެ. މިއާއެކު ޑީއާރްސީއާއި ޔުގެންޑާގެ ރަށްތަކުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު