ސެލޫންތަކަށް ގޮސް، ހިލޭ މީހުންގެ ކުރިމަތީގައި އައުރަ ހާމަކޮށްގެން ވެކްސް ކުރުމަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ސާފުތާހިރުކަމާއި ޒީނަތްތެރިކަމުގެ މައްޗަށެވެ.
ހުތުބާގައި ބުނިގޮތުގައި މުސްލިމެއްގެ ހަޔާތުގެ އެންމެ މުހިންމު އެއް އަސާސަކީ ސާފުތާހިރުކަމެވެ. ނަމާދުކުރުމަށާއި ގުރްއާން ކިޔެވުމަށްޓަކައި ވެސް ސާފުތާހިރުވާންޖެހޭކަން ފާހަގަކޮށް، ހަށިގަނޑާއި ލައިއުޅޭ ފޭރާމުގެ އިތުރުން ދިރިއުޅޭ މާހައުލު ސާފުކޮށް ބެހެއްޓުމަކީ ﷲ ރުހިވޮޑިގަންނަވާ މަތިވެރި އަޅުކަމެއް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
ޒަމާނީ ކުރިއެރުންތަކާ އެކު ރީތިވުމުގެ ނަމުގައި ބައެއް ފަރާތްތަކުން ދީނީ އިންތަކުން ބޭރުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ހުތުބާގައި ބުނީ، އޭގެ ތެރޭގައި ވަރަށް ނުރައްކާތެރި ކަންކަން ހިމެނޭ ކަމަށެވެ. ޚާއްސަކޮށް ސެލޫންތަކަށް ގޮސް ވެކްސް ކުރުމާއި ލޭޒާ ޓްރީޓްމަންޓް ހެދުމަށްޓަކައި ހިލޭ މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.
"އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ކަމަކީ ސެލޫންތަކަށް ގޮސް ވެކްސް ކުރުމަށް ނުވަތަ ލޭޒާ ޓްރީޓްމަންޓް ހެދުމަށްޓަކައި ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފު ކުރުމެވެ. މިއީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ. ސިއްހީ ހާލަތެއްފަދަ ޒަރޫރީ ކަމެއްގައި މެނުވީ މިކަން ހުއްދައެއް ނުވާނެ އެވެ." ހުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ހިތް ނުބައިކޮށް ބާއްވައިގެން ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ އެތެރެ ގޮނޑަކަށް އޮންނަ، ބޭރުފުށް ޒީނަތްތެރިކޮށްފައިވާ ގަނޑުވަރެއް ފަދަ ކަމެއްގެ ގޮތުގައި ހުތުބާގައި ސިފަކޮށްފައިވެއެވެ. އަދި ރީތިކަމާއި ސާފުތާހިރުކަން ހޯދަންވާނީ ހަރާމް ކަންތައްތަކުން އެއްކިބާވެ ތިބެގެން ކަމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.






