ޓެކްސީ ނަފާ ލޯނު ނެގި ފަރާތްތަކުގެ ކަންބޮޑުވުންތައް އިންސާފުވެރިކަމާ އެކު ބަލައި، އެކަމުގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޓެކްސީ ނަފާ ލޯނާ ގުޅޭ ގޮތުން ހއ. ދިއްދޫ، މުތީގޭ، އާދަމް ސަލީމް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރި ސިޓީއަކަށް ދެއްވި ޖަވާބުގަ އެވެ. މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތްދީ، ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ހައްލު ހޯދައިދިނުން ކަމަށެވެ.
އާދަމް ސަލީމް އާންމުކުރި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ނެތި ޑްރައިވަރުން ތިއްބާ، އެ ލޯނު އަނބުރާ ދެއްކުމަށް އެސްޑީއެފްސީން ތަކުރާރުކޮށް ދަނީ އަންގަމުންނެވެ. ކާރު ރަޖިސްޓަރީ ނުވެ ޓެކްސީ ދުއްވުމުގެ ހުއްދަ ނުލިބޭތީ، ލޯނު ނެގި ފަރާތްތަކަށް އާމްދަނީ ލިބޭނެ އެއްވެސް މަގެއް ނެތް ކަމަށް އޭނާ ބުންޏެވެ.
"ނަތީޖާއެއްގެ ގޮތުން، ލޯނު ނެގި ފަރާތްތަކަށް ވިޔަފާރިން ލިބެންޖެހޭ ނަފާ ލިބޭނެ ގޮތެއް ނެތި، ލޯނު ދެއްކުމަށް ބާރު ފޯރުވަމުން ދިއުމަކީ ހަމަޔާ އަދުލުވެރިކަމާ ހިލާފު ކަމެއް ކަމަށް ދެކެމެވެ،" އާދަމް ސަލީމްގެ ސިޓީގައި ބުނެފައިވެ އެވެ. އޭނާ އިތުރަށް ފާހަގަކުރީ ރަޖިސްޓްރޭޝަން ލަސްވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަންކަން ފުރިހަމަ ނުވާތީ ކަމަށެވެ.
މި މައްސަލައިގައި ލޯނު ނެގި ފަރާތްތަކުން އެދިފައިވަނީ ކާރުތައް ރަޖިސްޓަރީ ކުރެވެންދެން ލޯނު ދެއްކުން ފަސްކޮށްދިނުމަށާއި، ރަޖިސްޓްރޭޝަންގެ ކަންކަން އަވަސްކޮށްދިނުމަށެވެ. ޓެކްސީ ނަފާ ލޯނު ސްކީމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްޑީއެފްސީ މެދުވެރިކޮށް ހިންގާ ސްކީމެކެވެ.
މިނިސްޓަރު ސައީދު ވަނީ މި މައްސަލަ ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކެއް ހޯދުމަށް ކަމާބެހޭ ޑިޕާޓްމަންޓަށް އަންގާފައިވާ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.







