މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ލިބުނު އާމްދަނީ 33 އިންސައްތަ އިތުރުވިއިރު ސާފު ފައިދާ 20 އިންސައްތަ މަތިވެފައިވާކަން އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.
އެސްޓީއޯ އިން ނެރުނު ބަޔާނުގައި ބުނީ، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރއާއި އަޅާ ބަލައި އިރު 33 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އެސްޓީއޯއިން ފާހަގަކުރީ، މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށްދިޔުމާއި، އަދި މި ކުއާޓަރގައި ބަންކަރިން ހިމެނޭގޮތަށް ކުންފުނިން ވިއްކި ތެލުގެ އަދަދު 27 އިންސައްތަ އިތުރުވުމާއި، އަދި ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެ، އާމްދަނީ އިތުރުވެފައިވުމެވެ.
ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 785 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.
ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް، ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 14 އިންސައްތައިން އިތުރުވެ، 368 މިލިއަން ރުފިޔާ ވަނީ އެސްޓީއޯއަށް ލިބިފައެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 276 މިލިއަން ރުފިޔާ ލިބިފައެވެ.
މި ފުރުސަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވާ ކަމަށް އެ ބަޔާނުގައި ވެއެވެ.





