Thursday, November 5
ޢެމްޑީޕީ އެތެރޭގެ ކޯޅުން ބޮޑުވެ މައުރޫފް ކުއްލިގޮތަކަށް ވަކިކޮށްފި

އިދިކޮޅު އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ކަމުގެ މަގާމުން އަޙްމަދު މަޢުރޫފް ކުއްލި ގޮތަކަށް މިއަދު ވަކިކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީން މަޢުރޫފަށް ފޮނުވި ރަސްމީ ސިޓީގައި ބުނެފައިވަނީ، މިއަދުން ފެށިގެން އޭނާ އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މަގާމުގައި ހުރެ ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޕާޓީގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ.

މަޢުރޫފް މަގާމުން ވަކިކޮށްފައި މިވަނީ އެމްޑީޕީގެ ލީޑަޝިޕްގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެއްގައެވެ. ވަކިން ހާއްސަކޮށް، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާއާ ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ.

ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދީފައި ނުވާތީ، އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބޭފުޅުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ. މިކަމުގެ ސަބަބުން ޕާޓީގެ އެތެރޭގެ ބައިބައިވުން އޮތް މިންވަރު ވަނީ ހާމަވެގެން ގޮސްފައެވެ.

މީގެ އިތުރުން، ޖަލްސާ ފެށުނުއިރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ މެދުގައި ހުސް ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. ނަމަވެސް ޖަލްސާ ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ގޮނޑި ވަނީ އެތަނުން ނަގައިފައެވެ.

މަޢުރޫފް މަގާމުން ވަކިކުރުމަކީ ޕާޓީގެ އެތެރޭގައި ހިނގަމުންދާ ކޯޅުންތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ބެލެވޭއިރު، މިކަމާ ގުޅޭގޮތުން އެމްޑީޕީގެ އިސް ބޭފުޅުންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު