ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ކޮމަންވެލްތު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
މިގޮތުން "ތަނަވަސް ކޮމަންވެލްތަކަށް އެންމެން އެކުގައި ފުރުޞަތުތައް ފަހިކުރުން" މި ޝިއާރުގެ ދަށުން ފާހަގަކުރާ ކޮމަންވެލްތުގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވަޒީރު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ 70 އަށްވުރެ ގިނަ އަހަރު ދުވަހު، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކުވެސް ކޮމަންވެލްތު ދެމިއޮތީ އުންމީދީ ނަމޫނާއެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ކޮމަންވެލްތުގެ އެއްބައިވަންތަކަމާއި ސިންދަތަފާތުކަމަކީ، ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، ޤައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތް ގޮތެއްގައި ހުރިހާ މެންބަރު ޤައުމުތަކަށް ދެމެހެއްޓެނިވި ތަނަވަސްކަން ކަށަވަރުކޮށްދިނުމަށް ލިބޭ އެންމެ ބޮޑު ބާރު ކަމަށެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއަށް ބަލާއިރު، ކޮމަންވެލްތަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލައި، އެ އަޑުތައް އިއްވައިދޭ މުހިންމު މައިދާނެއް ކަމަށާއި، މޫސުމީ ބަދަލުތަކަށް މާލީ އެހީ ހޯދުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމުގައި ކޮމަންވެލްތަކީ އިތުބާރު ހުރި ބައިވެރިއެއް ކަމަށެވެ. އަދި ދުނިޔޭގެ ސިޔާސީ މަސްރަޙު އޮޅުންބޮޅުންވެފައިވާ މި ދަނޑިވަޅުގައި، ވަކިން ޚާއްޞަކޮށް ކުދި ޤައުމުތަކަށް، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ މި ތާރީޚީ ދުވަސް ފާހަގަކުރާއިރު، ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް ބަލާލުމާއެކު، މިއަދުގެ ގޮންޖެހުންތަކަށް ޙައްލު ހޯދައިދެވޭނެ ފަދަ ހަރުދަނާ މުއައްސަސާއެއްގެ ގޮތުގައި ކޮމަންވެލްތު ބޭއްވުމަށް ޢަޒުމް އާކުރަންޖެހޭ ކަމަށެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވަމުން ވަނީ ހުރިހާ މެންބަރު ޤައުމުތަކަށް އުޖާލާ އަދި ތަނަވަސް މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި، ކޮމަންވެލްތުގެ ތެރޭގައި ހަރަކާތްތެރި ދައުރެއް އަދާކުރުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ.





