ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން އަދި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލްގެ 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.
އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ވެސް 30 އެޕްރީލްގެ 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.
ބިން ދޫކުރުމުގެ އުޞޫލުގައި ބުނެފައިވަނީ، މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަޙައްދާއި ރަސްމާލެއިން ކަމަށެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ. ހުރިހާ ގޯއްޗެއްގެ ވެސް ބޮޑުމިނުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1250 އަކަފޫޓެވެ.
މާލޭގެ ރަށްވެހިންނަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ މަދުވެގެން އަހަރެއް ފުރުން ހިމެނެއެވެ. އެގޮތުން އަހަރެއް ކަމުގައި ބަލާނީ 14 ޖަނަވަރީ 2026 ގެ ނިޔަލަށް މާލޭގައި ދިރިއުޅޭ މުއްދަތެވެ.
މާލޭގެ ރަށްވެއްސެއްގެ ގޮތުގައި މަދުވެގެން އަހަރެއް ވުމުގެ އިތުރުން، ރާއްޖޭގެ އެއްވެސް ސަރަޙައްދަކުން އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނެތުން ވަނީ ޝަރުތުކޮށްފައެވެ. އަދި، 400 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާނަމަ ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ބިމެއް ދޫކޮށްލުން ވަނީ ކަނޑައަޅައިފައެވެ.
ބިމަށް އެދި ހުށަހަޅާއިރު އެމީހެއްގެ އަނބިމިހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓާ މާލެ ސަރަޙައްދުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން ވެސް އުޞޫލުގައި ވަނީ ހިމަނައިފައެވެ. އަދި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ހައުސިން ޔުނިޓް ލިބިފައިވާ މާލޭގެ ރަށްވެހިންނަށް ވެސް ގޯއްޗަށް އެދި ހުށަނޭޅޭނެއެވެ.





